މާލޭ ގެއެއްގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އައްޑޫ ސިޓީ ފޭދޫ ސުވާސާގެ އިބްރާހިމް ސައީދު 48އ. އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތެއްގައި މީހަކު ހިފަހައްޓައި އަނިޔާކުރާ ކަމުގެ މައްސަލައެއް މި މަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިއެވެ.
މި މައްސަލައާ ގުޅިގެން، ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން އެ މީހާ ހުރި ތަން ހޯދައި، އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި، އެއީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އިބްރާހިމް ސައީދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމީ، އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



