އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި، އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ނައިބު ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް އެމެރިކާގެ މިނިވަން ދުވަހަކީ އަޚުވަންތަކަމާއި، ގިނަ ހަރަކާތްތަކާއެކު އުފާވެރިކަން ގެނުވާނެ ދުވަހަކަށްވާނެ ކަމަށެވެ.
އަދި މިދުވަހުވެސް އެމެރިކާގެ އަސާސްތައް ފެނިގެންދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް ރައީސްގެ ނައިބު ވިދާޅުވިއެވެ.
މިއަހަރު ފާހަގަކުރަމުންދަނީ އެމެރިކާގެ މިނިވަންކަމަށް 249 އަހަރު ފުރޭ އަހަރެވެ. އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރަނީ، 1776 ވަނަ އަހަރު އޭރު އިނގިރޭސި ރަސްކަމުގެ ދަށުގައި ވަނިކޮށް ދާޚިލީ ހަނގުރާމައަކަށްފަހު ވަކިވެގަނެ ޖުލައި މަހުގެ 4 ވަނަ ދުވަހު މިނިވަންކަމުގެ މުޢާހަދާ ތަސްދީޤު ކުރި ދުވަހުގެ ގޮތުގައެވެ.
ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. ދިވެހިރާއްޖެ މިނިވަންކަން އިއުލާން ކުރުމާއެކު އެމެރިކާއިން ދިވެހިރާއްޖެ ބަލައިގަނެ، އެ ޤައުމުގެ ސަފީރަކު ވަނީ ރާއްޖެއަށް އައްޔަންކޮށްފައެވެ.
މިއަދާ ހަމައަށް ދެ ޤައުމުގެ ގުޅުން ދަނީ އެކި ދާއިރާތަކުން ވަރުގަދަވަމުންނެވެ.




