ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަރ ބޭންކް ބޭނުންކުރުން މަނާކޮށް، އުސޫލު ބަދަލުކޮށްފިއެވެ.
މި އުސޫލުތަކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ބަދަލުކޮށްފައިވާ އުސޫލުތަކެއް ކަމަށް އެއެއަރލައިނުން ބުނެފައިވެއެވެ.
މޯލްޑިވިއަންއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި މި އުސޫލުތައް ތަޢާރަފްކޮށްފައިވަނީ އިންޓަރނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)، އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމުގެ ގޮތުންނެވެ.
އަދި މިފަދަ އުސޫލުތަކެއް ތަޢާރަފްކުރި ދިވެހިރާއްޖޭގެ ފުރަތަމަ އެއަރލައިންއަކީ މޯލްޑިވިއަން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އައު އުސޫލުގެ ދަށުން ކޮންމެ ދަތުރުވެރިއަކަށް ގެންދެވޭނީ ގިނަވެގެން 2 ޕަވަރ ބޭންކެވެ. މި ޕަވަރ ބޭންކުތަކުގެ ކެޕޭސިޓީ 100 ވަޓް-އަވާ އަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
އަދި ފްލައިޓު މަތީގައި ޕަވަރ ބޭންކް ބަހައްޓަންވާނީ އަތުގައި، ނުވަތަ ސީޓު ޖީބުގައި ނުވަތަ ސީޓު ދަށުގައެވެ. ލަގެޖު ތެރޭގައި ޕަވަރ ބޭންކް ބޭއްވުމާއި، ފްލައިޓުތެރޭ ކަލިވަތްތަކުގައި ބޭއްވުމަކީ މަނާ ކަމެކެވެ.
މީގެއިތުރުން، ފްލައިޓުތެރޭގައި ޕަވަރ ބޭންކް ބޭނުންކޮށްގެން އެއްވެސް އެއްޗެއް ޗާޖުކުރުމާއި، ޕަވަރ ބޭންކް ޗާޖުކުރުންވެސް މަނާކޮށްފައިވެއެވެ. އަދި ހުރިހާ ޕަވަރ ބޭންކެއްވެސް އދ.ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތެންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އައު އުސޫލުތަކަކީ ދަތުރުވެރިންނާއި ބޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި މޯލްޑިވިއަންއިން ފާހަގަކޮށްފައިވެއެވެ.
މޯލްޑިވިއަންއިން ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ އުސޫލުތައް ހަރުދަނާ ކުރަމުންދާއިރު، ދާދި ފަހުން އިންޓަރނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ވަނީ ރާއްޖޭގެ އޭވިއޭޝަން ސޭފްޓީ އޮޑިޓެއްވެސް ހަދާފައެވެ.
މި އާ އުސޫލަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.




