ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނިރުބަވެރި އިސްރާއީލުން ޣައްޒާއިން 138 މީހުން ޝަހީދުކޮށްލައި، 452 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޝަހީދުވި މީހުންގެ ތެރެއިން 62 މީހުން ޝަހީދުވެފައިވަނީ އެހީ ދޫކުރާ ސަރަހައްދުތަކުން ޒަހަމްވުމަށްފަހު، ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނިކޮށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 57،268 އަށްވުރެ ގިނަފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 135،625 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ.
އަދި މި އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 6،710 މީހުން ޝަހީދުކޮށްލައި، 23،584 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މި ހަމަލާތަކަކީ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކެކެވެ.
ނަމަވެސް މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންނެވެ.




