އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، 59 މީހުން މަރުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ސެންޓްރަލް ޓެކްސަސްގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގެ ސަބަބުން މުޅި ސަރަހައްދުގައި ފެންބޮޑުވެ، ގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.
މި ހާދިސާގައި މަރުވި 59 މީހުންގެ ތެރޭގައި 21 ކުޑަކުދިން ހިމެނޭއިރު، އެ ސަރަހައްދުގެ ކޯރެއްވެސް ވަނީ ބަންޑުންވެފައެވެ. ކަމާ ގުޅުންހުރި އިދާރާތަކުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޓެކްސަސްގެ ކައުންޓީއަށެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، މި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެމަނިކުފާނުގެ ތައުޒިޔާ ފޮނުއްވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ރައީސް ވަނީ ޓެކްސަސްގައި މިހާރު ކުރިއަށްގެންދާ ރެސްކިއު އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.




