ޤައުމެއްގެ ތަރައްޤީގައި އެ ޤައުމެއްގެ ސިއްޙަތު މުހިންމު ދަޢުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޤައުމެއް ތަރައްޤީ ކުރުމުގައި އެ ޤައުމެއްގެ ސިއްހަތު ކިތަންމެހައިވެސް މުހިންމު ކަމަށާއި، އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫޙާނީ ސިއްހަތު ވެސް ހިމެނޭ ކަމަށެވެ.
ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑްގައި ބޭއްވުނު މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަޙައްދުގައި ސިއްޙީ ފަރުވާ ކަށަވަރުވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ފަންނިއްޔާތާއެކު ސިއްޙީ ދާއިރާއަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވި ”ދިވެހިރާއްޖެ 2.0“ މަޝްރޫޢަކީ ދިވެހި ސިއްޙީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންޤިލާބީ ބަދަލެއްކަމަށެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު ޚިދުމަތްތަކެއް ވަނީ އިފްތިތާޙްކުރެވިފައެވެ. މީގެ ތެރޭގައި، މެޑަމް ސާޖިދާ އިފްތިތާޙްކޮށްދެއްވި ޓެލެމެޑިސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް ހިމެނެއެވެ.
އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކުގެ ޚިދުމަތްވެސް މި ޖަލްސާގައި އިފްތިތާޙް ކުރިއެވެ. މި ކްލިނިކްގެ ހިދުމަތް އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަޙްމަދު އަޝްރަފެވެ.
މި ޖަލްސާގައި ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ޙަވާލުކުރެވުނެވެ.
އަދި މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނާއި، ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ޙަވާލުކުރެވުނެވެ.




