މިދިޔަ މަހު ވަގަށް ނެގި 3.3 މިލިއަން ރުފިޔާގެ 69 ސައިކަލު އަނބުރާ ހޯދާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
މާލެ ފްރަންޓްލައިން ޕޮލިސިންގް ޑިޕާޓްމަންޓުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު 26 މައްސަލައެއްގައި ހިމެނޭ 406،098 ރުފިޔާ އާއި، 202،375 ރުފިޔާގެ 29 މޯބައިލް ފޯނު ވެސް ވަނީ އަނބުރާ ހޯދާފައެވެ.
މީގެ އިތުރުން، 80،400 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނާއި 110،263 ރުފިޔާގެ އެހެނިހެން ތަކެތި ވެސް ވަނީ އަނބުރާ ހޯދާފައެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އައި 13 ބިދޭސީން ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، މިދިޔަ މަހު 45،380 ތަނެއް ޗެކްކުރުމުގެ އިތުރުން، 5،015 މީހުން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. މި މީހުންގެ ތެރެއިން 4،833 މީހުންނަކީ ކުށުގެ ރެކޯޑް އޮތް ފަރާތްތަކެވެ.
ފުލުހުންގެ މި މަސައްކަތްތަކަކީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާރޓްމަންޓުތަކުން ކުރަމުންދާ މަސައްކަތްތަކެކެވެ.




