ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ހަފްލާ އިންތިޒާމު ކުރުމަށް އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ރާއްޖެ ޓީވީން ވަނީ އާ ޓާމިނަލް ހުޅުވާ ހަފުލާގެ ކަންކަން އިންތިޒާމު ކުރުމަށް ފަސް މިލިއަން ޑޮލަރަށް އިސްރާއީލަށް ފަންޑުކުރާ ”ބަނާނާ ސްޕްލިޓް“ ކިޔާ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނެ ހަބަރު ފަތުރާފަ އެވެ.
މި މައްސަލައާ ގުޅިގެން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަމްއާން މީޑީއާއާ ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖެ ޓީވީން ފަތުރަމުންދަނީ ބުހުތާނު ދޮގު ކަމަށެވެ.
ލަމްއާން ވިދާޅުވީ، ގައުމީ މިފަދަ ބޮޑު ކަމެއްގައި ބުހުތާނު ދޮގު ފަތުރާ އާންމުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމުގެ މައްސަލަ މީޑިއާގެ ކަމާގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ނިންމާފައިވާނެ ކަމަށެވެ. އަދި އާ ޓާމިނަލް ހުޅުވުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަނީ އެމްއޭސީއެލްއިން ކަމަށްވެސް ލަމްއާން ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައެވެ. މި ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ކުލަގަދަ ރަސްމިއްޔާތަށް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.



