ބާސެލޯނާގެ ޕޮލިޝް ގޯލްކީޕަރު ވޮއިޗެކް ޝެޒްނީ، 2027 ވަނަ އަހަރާ ހަމައަށް އެ ކްލަބާއެކު އެއްބަސްވުން އާކޮށްފިއެވެ.
35 އަހަރުގެ ޝެޒްނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމި ނަމަވެސް، ބާސެލޯނާގެ ފުރަތަމަ ގޯލްކީޕަރު މާކް އަންޑްރޭ ޓާ ސްޓެގެންއަށް ލިބުނު ކަކުލުގެ އަނިޔާއާ ގުޅިގެން އެ ނިންމުން އަނބުރާ ގެނެސް، ބާސާއާ ގުޅުނެވެ.
އޭގެ ފަހުން ޝެޒްނީ ބާސެލޯނާއާއެކު ލަލީގާ އާއި ކޮޕާ ޑެލް ރޭ ކާމިޔާބުކުރިއެވެ.
”ތަފާތު ހާލަތެއްގައި ކްލަބަށް އައުމަށްފަހު، މި އެއްބަސްވުމަކީ އޭނާ ގޯލުގައި ދެއްކި މޮޅު ކުޅުމަށް ދެވޭ އިނާމެއް،“ ބާސެލޯނާއިން ބުންޏެވެ.
ޝެޒްނީގެ މި އާ އެއްބަސްވުމާއެކު، ޓާ ސްޓެގެންގެ މުސްތަގުބަލާ މެދު ސުވާލުތަކެއް އުފެދިފައިވެއެވެ. ބާސެލޯނާގައި މިހާރު ތިން ގޯލްކީޕަރުން ތިބިއިރު، އޭގެ ތެރޭގައި ޖޫން މަހު އެސްޕެނިއޯލުން ގެނައި ޖޯން ގާސިއާ އާއި 26 އަހަރުގެ ސްޕެއިން ގޯލްކީޕަރު އިނާކީ ޕެނާ ހިމެނެއެވެ.
ޝެޒްނީގެ ފުޓުބޯޅަ ކެރިއަރަށް ބަލާއިރު، 16 އަހަރުގައި އާސެނަލްއާ ގުޅި، އެ ކްލަބަށް 181 މެޗު ކުޅެފައިވެއެވެ.
އޭގެފަހުން ބްރެންޓްފޯޑް، ރޯމާ އަދި ޔުވެންޓަސްއަށް ކުޅުނު ޝެޒްނީ، 2017 ވަނަ އަހަރު ޔުވެންޓަސްއާ ގުޅި، ޓިއުރިންގައި ހޭދަކުރި ހަތް އަހަރުގެ ތެރޭގައި 252 މެޗު ކުޅެ، އިޓަލީ ލީގު ތިން ފަހަރު އަދި ތިން ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފައިވެއެވެ.



