ކިޔަވައިގެންތިބި، ހެޔޮލަފާ، ދުރުވިސްނޭ ވެރިން ގައުމުތަކަށް ލިބުމުގެ ފައިދާ މިއަދު ރާއްޖެއަށް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިޔައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވި ފަލާހު ވިދާޅުވި ގޮތުގައި މި ބިލުގެ މައިގަނޑު މަގުސަދަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ މާޒީގައި ވެރިކަމުގައި ތިބި ބައެއް ފަރާތްތަކުން ނިންމި ނިންމުންތަކުގެ ސަބަބުން ރައްޔިތުންނާއި ގައުމަށް ލިބުނު ގެއްލުންތަކުގެ ވޭން މިއަދުވެސް ތަހައްމަލުކުރަމުންދެއެވެ.
”ރައީސް މުއިއްޒުގެ ސަރުކާރުން މި ބިލު ހުށަހަޅައިގެން މި ކުރައްވާ މަސައްކަތަކީ ގޯސްވެރިންނަށް ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ގޮތަށް ޤާނޫނުތައް ބައްޓަންކުރުން.“ ފަލާހު ވިދާޅުވިއެވެ.
މި ބިލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އަދި ރިޔާސީ ދައުރު ބަދަލުކުރުމާއި، ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން ލާޒިމުކުރެއެވެ.
މިފަދަ ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
ޤާނޫނުއަސާސީ ވުޖޫދުވިތާ 17 އަހަރު ވެފައިވާއިރުވެސް މިފަދަ މުހިންމު ޤާނޫނުތައް ނެހެދި ހުރިކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ދިވެހި ރައްޔިތުން ބާރުވެރިކުރުވުމުގެ ލާމަސީލު ނަމޫނާ ރައީސެއް ކަމަށެވެ.



