ޗައިނާގެ ގަންސޫ ޕްރޮވިންސްގެ ޓިއާންޝުއި ސިޓީގައި ހުންނަ އަމިއްލަ ޕްރީސްކޫލެއްގައި 200 އަށް ވުރެ ގިނަ ދަރިވަރުން ކާނާ ވިހަވެ، ފަރުވާ ދޭން ފަށައިފިއެވެ.
މި މައްސަލައިގައި ސްކޫލްގެ އިސް 8 މުވައްޒަފުން ވަނީ ހައްޔަރުކޮށްފައެވެ.
މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި، ޕީޒިން ކިންޑަގާޓެން ސްކޫލުން ދަރިވަރުންނަށް ދިން ކާނާގެ ސާމްޕަލްތައް ޓެސްޓުކުރުމުން ދައްކާފައިވަނީ، ކާބޯތަކެތީގައި ބޭނުންކުރަން ހުއްދަ ނޫން ކުލަތަކެއް މަތީ މިންވަރަކަށް ބޭނުންކޮށްފައިވާ ކަމެވެ.
މިގޮތުން ސްޓީމްޑް ރެޑް ޑޭޓް ކޭކާއި ސޮސެޖް ކޯން ބަންތަކުގައި މި ކުލަތައް ބޭނުންކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ސްކޫލްގެ ޕްރިންސިޕަލް ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، މި ކުލަތައް ގަނެފައިވަނީ އޮންލައިންކޮށް ކަމަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހާމަވެފައިވާ ގޮތުގައި، މި ކުލަތަކަކީ ކާބޯތަކެތީގައި ބޭނުންކުރުން ހުއްދަ ކުލަތަކެއް ނޫނެވެ. ހައްޔަރުކުރެވުނު 8 މީހުންގެ ތެރޭގައި ސްކޫލްގެ ޕްރިންސިޕަލްގެ އިތުރުން ކެއްކުމުގެ މަސައްކަތްކުރާ ޝެފުން ހިމެނެއެވެ.
ބެލެނިވެރިން ފާހަގަކުރާ ގޮތުގައި، މިދިޔަ މާރޗް މަހުން ފެށިގެން ދަރިވަރުންގެ ކިބައިން އެކި ބާވަތުގެ ސިއްހީ މައްސަލަތައް ފެންނަމުން އައިސްފައިވެއެވެ.
”ކުދިންގެ ބަނޑާއި ފައި ރިއްސުމާއި، ކާހިތްނުވުން ފަދަ މައްސަލަތައް ކުރިމަތިވަމުން އައީ ސްކޫލުން ދޭ ނާސްތާގެ ސަބަބުން ކަން މިހާރު ވަނީ ޔަގީންވެފައި.“ ބެލެނިވެރިން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ޓިއަންޝުއި ސިޓީގެ މޭޔަރު ލިއު ލިޖިއަން ވިދާޅުވެފައިވަނީ، މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިހުމާލުވެފައިވާތީ ދިމާވި ކަމެއް ކަމަށާއި، މި ހާދިސާއިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.


