މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު، ޑރ. މަހާތީރު މުހައްމަދުގެ އުމުރުފުޅުން 100 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅިގެން، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމަނިކުފާނަށް ހާއްސަ ހަދިޔާއެއް ދެއްވައިފިއެވެ.
މާދަމާއަކީ ޑރ. މަހާތީރުގެ 100 ވަނަ އުފަން ދުވަހެވެ.
މައުމޫން ފައުންޑޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މެލޭޝިޔާގައި މިހާރު ކުރިއަށްދާ ފޯރަމެއްގެ ތެރެއިން ދެ ލީޑަރުން ބައްދަލުކުރައްވާ، ރައީސް މައުމޫން ޑރ. މަހާތީރަށް 100 ވަނަ އުފަން ދުވަހުގެ ހެޔޮ ތަހުނިޔާ ފޮނުއްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްވާފައިވަނީ ދިވެހީންގެ ފަޚުރެއް ކަމުގައިވާ މާލޭ ހުކުރު މިސްކިތު މުންނާރުގެ މޮޑެލް އެކެވެ.
މިވަގުތު ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އަދި ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫން ތިއްބެވީ ބޭސްފަރުވާގެ ކަންކަމަށް މެލޭޝިޔާގައެވެ.
ދެ ލީޑަރުންގެ މެދުގައި އޮންނަ ހާއްސަ އެކުވެރި ގުޅުމުގެ ދަށުން، ހަދިޔާ ބަދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން ވަނީ އިތުރަށް މަޝްވަރާކުރައްވާފައެވެ.
މި މަޝްވަރާގައި އިސްލާމީ ގައުމުތަކުގެ ހާލަތާމެދު ވާހަކަފުޅު ދައްކަވާފައިވާއިރު، ހާއްސަކޮށް ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް އިސްލާމީ ގައުމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާތީ އެކަމުގެ ކަންބޮޑުވުން ދެ ބޭފުޅުން ވަނީ ފާޅުކުރައްވާފައެވެ.



