ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް މަސައްކަތްކުރުމަށް ކޮންފަރެންސް އޮން ދަ ކުއެސްޝަން އޮފް ޖެރޫސެލަމްގައި ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
އ.ދ. ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީއައިއާރްޕީޕީ) އަދި އޯއައިސީ އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދެއްކެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރެވެ.
ސަފީރުގެ ވާހަކަފުޅުގައި އިރުމަތީ ގުދުސްއާއި ވެސްޓް ބޭންކް އަދި ޣާޒާގައި މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އަދި އިސްރާއީލުގެ އިސްތިޢުމާރީ ސިޔާސަތުތަކަކީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ނެރުމާއި، އެމީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި، އަދި އެމީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މި އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރުން މިހާރަށް ދާއިމީކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި ސަފީރު ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ގޮވާލައްވާފައިވެއެވެ.




