15 ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބުކޮށްފައިވާ ރިއަލް މެޑްރިޑް ބަލިކޮށް ޕީއެސްޖީ އިން ކްލަބް ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޕީއެސްޖީ މި މެޗު ކާމިޔާބުކޮށްފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅު، ހަވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ ފެބިއަން ރުއީޒްއެވެ. ފުރަތަމަ ގޯލު ޖެހިތާ ތިން މިނެޓު ފަހުން، ޑެމްބެލޭއަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ޖަހާދީ ލީޑު ފުޅާކޮށްދިނެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ރުއީޒް އޭނާގެ ދެވަނަ އަދި ޕީއެސްޖީގެ ތިންވަނަ ގޯލު ޖެހިއިރު، މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގޮންކާލޯ ރާމޯސް ވަނީ ޕީއެސްޖީގެ ހަތަރުވަނަ ގޯލު ޖަހާފައެވެ.
މި މެޗުގައި ރިއަލް މެޑްރިޑްގެ ޑިފެންސް އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަދި ރިއަލް މެޑްރިޑްއަށް ޕީއެސްޖީގެ ގޯލަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުކުރެވުނެވެ.
މުބާރާތުގެ ފައިނަލްގައި ޕީއެސްޖީ ވާދަކުރާނީ ޗެލްސީއާއެވެ. މިމެޗު އޮތީ މިމަހުގެ 13ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިންް 12 ޖަހާއިރުއެވެ.




