ޣައްޒާގެ މެދުތެރޭގައި އޮންނަ ޑެއިރް އެލް ބަލާހުގައި ހުރި މެޑިކަލް ޕޮއިންޓަކަށް އިސްރާއީލު ސިފައިން ހަމަލާދީ، އަނިޔާވެރި ގަތުލުއާންމެއް ހިންގައި، 15 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މި ނުރައްކާތެރި ހަމަލާގައި ޝަހީދުވި 15 މީހުންގެ ތެރޭގައި މަދުވެގެން 10 ކުޑަކުދިންނާއި ތިން އަންހެނުން ހިމެނެއެވެ.
ހަމަލާ ދެވުނު މެޑިކަލް ޕޮއިންޓަކީ ބަލި ކުދިންނާއި އަންހެނުންގެ ގްރޫޕަކަށް ނިއުޓްރިޝަނަލް އަދި މެޑިކަލް ސަޕްލިމެންޓްތައް ފޯރުކޮށްދެމުން ދިޔަ ތަނެކެވެ.
މީޑިއާ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، މި ހަމަލާއަކީ އިސްރާއީލުން ގަސްތުގައި ކުޑަކުދިންނާއި އަންހެނުންނާއި އާންމުން ޝަހީދު ކުރުމާއި، އާބާދީގެ މަރުކަޒުތަކަށާއި މާކެޓްތަކަށް ތަފާތު ނުވާ ގޮތަށް އަމާޒުކޮށްފައިވާ ކަންކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.
އިންސާނީ މެޑިކަލް ފެސިލިޓީއަކަށް މިފަދަ ހަމަލާއެއް ދިނުމަކީ ބައިނަލްއަގްވާމީ އަދި އިންސާނީ ހުރިހާ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު ކަމެއްކަމަށް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ. އަދި މިއީ ދިފާއީ ނިޒާމު ނެތް އާންމުންނާ ދެކޮޅަށް ހިސާރުކުރުމުން ކުރިއަށްދާ ޖަރީމާތައް ހުއްޓުމެއްނެތި ކުރިއަށްދާކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ފަދަ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓުވައި، އާންމު ރައްޔިތުންނާއި މެޑިކަލް ފެސިލިޓީތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ޣައްޒާގެ މީޑިއާ އޮފީހުން ގޮވާލައިފައިވެއެވެ.



