ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން މިފްކޯ އަދި އެއްވެސް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޗެނަލް13 އިން ޔޫކޭ އަދި ޔޫރަޕްގައި މިފްކޯ ބްލެކްލިސްޓުކޮށް ބޭންކުރިކަމަށް ބުނެ ގެނެސްދިން ޚަބަރަކާއި ގުޅިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
”އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ވާހަކަ ދަންނަވަން،“ މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރު ޝިޔާމް ހާމަކުރެއްވި ގޮތުގައި އަންނަ ހަފްތާގައި އިނގިރޭސިވިލާތުގެ މޭޖަރު ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ ޒިޔާރަތްކުރާނެއެވެ.
މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށާއި، އެތައް އާއިލާއެއްގެ ދިރިއުޅުން ބަރޯސާވެފައިވަނީ މި ދާއިރާއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓާޑް ނޫސް އެޖެންސީއަކުން ހަގީގަތާއި ހިލާފް މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



