މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
އެ އަތޮޅުތަަކަށް މެޓުން ރީނދޫ ސަމާލު ނެރިފައިވަނީ މިރޭ 11.30 އިން ފެށިގެން 3:30 އަށެވެ.
ސަމާލުގައި ބުނެފައިވަނީ، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތަށް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދުވަސްވަރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، އަދި ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްކޮޅު ވިއްސާރަކުރާނެ ކަމަށް މެޓުން ކުރިން ބުނެފައިވެއެވެ.
މެޓުން އިތުރަށް ބުނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށެވެ.



