ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ ނިޔާވުމާއި ގުޅިގެން، މަރުހޫމްގެ އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ތަޢުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ، އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައް ކުރެއްވުމުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި ވެސް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. މުޞްޠަފާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
އައްޑޫ ސިޓީ ހުޅުދުއަށް ނިސްބަތްވާ, އުމުރުން 57 އަހަރުގެ ޑރ. އިބްރާހީމް މުސްތަފާ ރޭ އަވަހާރަވީ, އިންޑިއާގެ ކޮޗިންގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.
ޑރ. މުސްތަފާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު އެވެ.
ޑރ. އިބްރާހީމް މުސްތަފާ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިން ޕީއެޗްޑީ ހެއްދެވީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިންނެވެ. އެގޮތުން ތެލެސީމިއާ ބައްޔާ ގުޅޭ އެކި ކަންކަމުގައި ޑރ. މުސްތަފާ ވަނީ ވަރަށް ގިނަ ދިރާސާތަކެއް ހައްދަވާފަ އެވެ.
ޑރ. އިބްރާހީމް މުސްތަފާ އެންމެފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގައެވެ.



