އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބޮލީވުޑްގެ ފިލްމު ’ދަޅަކް 2‘ ގެ ޓްރެއިލާ މިއަދު އާންމުކޮށްފިއެވެ.
މި އަސަރުގަދަ ލޯބީގެ ފިލްމުގައި މައިގަނޑު ދައުރު އަދާކުރަނީ ކުރިއަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޓްރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރަވެދީއެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ދަށުން އުފައްދާފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޝާޒިއާ އިގްބާލްއެވެ. އަންނަ މަހުގެ 1 ވަނަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލާ މި ފިލްމަކީ ސްކްރީނަށް އަލަށް ގެންނަ ޖޯޑެއް ފެނިގެންދާނެ މަސައްކަތެކެވެ.
ދަރުމާ ޕްރޮޑަކްޝަންސްއިން ކުރިން ވެސް ”ދަޅަކް“ ގެ ނަމުގައި ފިލްމެއް އުފައްދާފައިވެއެވެ. އެއީ 2018 ވަނަ އަހަރު ޝިޝާންކް ކައިތާން ޑައިރެކްޓްކޮށްގެން ގެނެސްދިން ފިލްމެކެވެ. އެ ފިލްމުގައި މައިގަނޑު ދައުރު އަދާކޮށްފައިވަނީ ޖާންވީ ކަޕޫރާއި އިޝާން ޚައްތަރެވެ. އެ ދެ ތަރިން ބޮލީވުޑަށް ތަޢާރަފުވީ ވެސް އެ ފިލްމުންނެވެ.
ނަމަވެސް އޭރު އުފެއްދި ”ދަޅަކް“ އާއި މިހާރު އުފައްދާފައިވާ ”ދަޅަކް 2“ އާ ދެމެދު އެއްވެސް ގުޅުމެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.



