ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިހާރު ކުރިއަށްގެންދާ 10 މަޝްރޫޢުގެ އަދާހަމަ ހިއްސާކޮށްފިއެވެ.
މީގެ ތެރޭގައި ހިމެނެނީ ޕޮލިސް ޕޯސްޓް ގާއިމުކުރުމުގެ 3 މަޝްރޫޢާއި، ފެނާއި ނަރުދަމާގެ ވިއުގަ ގާއިމުކުރުމުގެ 4 މަޝްރޫޢު، އަދި ފެނުގެ ވިއުގަ ގާއިމުކުރުމުގެ 2 މަޝްރޫޢާއި ނަރުދަމާ ވިއުގަ ގާއިމުކުރުމުގެ އެއް މަޝްރޫޢެވެ.
ޕޮލިސް ޕޯސްޓް މަޝްރޫޢުތައް
ޕޮލިސް ޕޯސްޓް ގާއިމުކުރުމުގެ މަޝްރޫޢުތަކުގެ ދަށުން ރ. ވާދޫ، ށ. ނޫމަރާ އަދި ށ. ގޮއިދޫގައި މަސައްކަތްތައް ދަނީ ކުރިއަށެވެ.
ރ. ވާދޫ އާއި ށ. ނޫމަރާގައި ސައިޓް ސެޓްކުރުމާއި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ށ. ގޮއިދޫގައި ސައިޓް ސެޓްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މި މަޝްރޫޢުތައް 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ.
ފެނާއި ނަރުދަމާގެ މަޝްރޫޢުތައް
ފެނާއި ނަރުދަމާގެ ވިއުގަ ގާއިމުކުރުމުގެ މަޝްރޫޢުތައް ކުރިއަށްދަނީ ތ. މަޑިފުށި، ށ. ނޫމަރާ، މ. ނާލާފުށި އަދި ނ. މަގޫދޫގައެވެ. ތ. މަޑިފުއްޓާއި ނާލާފުށީގައި ކުރަމުންދަނީ އާރްއޯ ޕްލާންޓް އިމާރާތުގެ ޓޭންކް ބެޑްގެ ފައުންޑޭޝަން އެޅުމާއި ޓޭންކް ބެޑް ވަރުގަދަކުރުމުގެ މަސައްކަތެވެ.

އަދި ށ. ނޫމަރާގައި ސައިޓް ސާފު ކުރުމާއި ޕްލާސްޓަރިންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ށ. މަގޫދޫގައި ކުރިއަށްދަނީ ސައިޓް ސާފުކުުރުމާއި މަސައްކަތަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމެވެ.
ފެނުގެ ވިއުގައާއި ނަރުދަމާގެ މަޝްރޫޢުތައް
ފެނުގެ ވިއުގަ ގާއިމުކުރުމުގެ މަޝްރޫޢުތައް ކުރިއަށްދަނީ ނ. މިލަދޫ އަދި އދ. ފެންފުށީގައެވެ. ނަރުދަމާ ވިއުގަ ގާއިމުކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ ބ. ކުޑަރިކިލުގައެވެ.
ނ. މިލަދޫގައި ކަރަންޓް މީޓަރު ގުޅުމާއި ޓޭންކުގެ ފައުންޑޭޝަން ސަރަހައްދު ސާފުކުރުމާއި ސައިޓުގައި ތަކެތި ރައްކާކުރާ ގުދަން ތައްޔާރުކުރުމާއި ބައުންޑަރީ ލައިން ފާހަގަކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އަދި ފެންފުށީގައި ސްކެފޯލްޑިން ސެޓަޕް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުޑަރިކިލުގައި ކުރިއަށްދަނީ ސައިޓް ހުސްކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުތައް 2026 ވަނަ އަހަރުގެ ޖޫން އަދި ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ.
ފެނަކައިން ވިދާޅުވީ މި 10 މަޝްރޫޢުގެ އިތުރުންވެސް ރާއްޖޭގެ އެކި ރަށްރަށުގައި އިތުރު މަޝްރޫޢުތަކެއް ހިންގުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި އެ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.




