ހުޅުމާލެ 1 އާއި 2 ގުޅުވައިދޭ ބްރިޖް ސަރަހައްދުން ނުރައްކާތެރި މިޔަރުގެ ބާވަތެއް ކަމަށްވާ ފެމުނު ފެންނަން ފަށައިފިއެވެ.
މިއީ ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރި، މޫދު ކުޅިވަރުތައް ކުޅުމަށްވެސް ވަރަށް ގިނައިން ބޭނުންކުރާ ސަރަހައްދެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ މިޔަރުގެ އެންމެ ނުރައްކާތެރި އެއް ބާވަތް ކަމަށްވާ ޓައިގާ ޝާކް ނުވަތަ ފެމުނެއް ހުޅުމާލޭގެ އެ ސަރަހައްދަށް ވަދެ އުޅޭތަނެވެ.
މި ވީޑިއޯ ފޭސްބުކްގައި ހިއްސާކޮށްފައި ވަނީ ”ނޮޖް ޑައިވް މޯލްޑިވްސް“ ކިޔާ އެކައުންޓަކުންނެވެ. ވީޑިއޯ ޙިއްސާކޮށް، އެ ސަރަހައްދަށް ވަދެ އުޅޭ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް އެ އައިޑީގެ ކެޕްޝަންގައި އެދިފައިވެއެވެ.
ފެމުނަކީ 16 ފޫޓާ ހަމައަށް ދިގުވާ، އަދި ރާއްޖެ ފަދަ ހޫނު ގައުމުތަކުގެ މޫދުގައި އާންމުކޮށް އުޅޭ މިޔަރެކެވެ. މިއީ އެންމެ ނުރައްކާތެރި މިޔަރުގެ ގިންތީގައި ހިމެނޭ ބާވަތެއް ކަމަށް ބެލެވެނީ، ކޮންމެ އެއްޗެއް ވެސް ކެއުމުގެ އާދަ އޭގެ ކިބައިގައި ހުންނާތީއެވެ. އޭގެ ވަރުގަދަ ދަތްތަކުން އިންސާނުންގެ ކަށިތައް ވެސް ފަސޭހައިން ހަފާ ބުރިކޮށްލުމުގެ ބާރު ލިބިފައިވެއެވެ.
ގްރޭޓް ވައިޓް ޝާކުގެ ފަހުން، އިންސާނުންނަށް އެންމެ ގިނައިން ހަމަލާދޭ މިޔަރަކީ ފެމުނެވެ. ރާއްޖޭގައި ވެސް މިފަދަ ހިތާމަވެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަމުންދެއެވެ.




