ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢު ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓު ވެންޗާއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވުނު ”އަހާ“ ފޯރަމްގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 160 ހެކްޓަރުގެ ތެރެއިން މިހާތަނަށް ހިއްކާފައިވަނީ އެންމެ 60 ހެކްޓަރެވެ. ނަމަވެސް ކުރީގެ ސަރުކާރުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެ ފަހަރެއްގެ މަތިން 20 މިލިއަން ޑޮލަރާއި އިތުރު 15 މިލިއަން ޑޮލަރު، ޖުމްލަ 35 މިލިއަން ޑޮލަރު ކުންފުންޏަށް ދައްކާފައިވެއެވެ.
”މީގެ ކުރިއަށް ބަލާއިރު ވެސް އެ ކޮންޓްރެކްޓަރަކީ އަބަދުވެސް ކޮންޓްރެކްޓް ބާޠިލް ކުރުމުގެ ވިސްނުން ގެންގުޅޭ ކުންފުންޏެއް. ކޮންޓްރެކްޓް ބާޠިލު ކުރުމަށް ފަހު އާބިޓްރޭޝަން އަށް ގޮސްގެން ބޮޑެތި ބަދަލުތައް ހޯދާ،“ މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން އެއްބަސްވުން ހަދާފައިވަނީ ސަރުކާރަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށެވެ. އެހެންކަމުން، މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިތުރު ބަދަލެއް ދޭންނުޖެހޭ ގޮތަށް އެއްބަސްވުން ބާތިލުކުރެވޭނެ ގޮތެއް ހޯދުމަށެވެ.
ސަރުކާރުގެ އަމާޒަކީ އެއްބަސްވުން ބާތިލުކުރެވޭ ހިސާބުން ވީހާވެސް އަވަހަކަށް ގިރާވަރުން ގޯތި ދޫކުރުމުގެ މަސައްކަތް ފެށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މި މަޝްރޫޢުގެ ދަށުން ހިއްކުމަށް ކަނޑައަޅާފައިވާ 160 ހެކްޓަރުގެ އިތުރުން 50 ހެކްޓަރު އިތުރުކުރުމަށް ރައީސް މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.


