އެމްޑީޕީއަކީ އަބަދުވެސް ވައްކަން ކުރަން މޮޅު ބައެއް ކަމަށާއި، އެ ޕާޓީން ކޮށްފައި ހުރި ވައްކަން ހޯދަން ފަސޭހަ ނުވިޔަސް ހޯދޭނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޓްރޭޑް މާކް ބިލަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ، ސަރުކާރުން ކުރައްވަނީ ވަރަށް އިހުލާސްތެރި މަސައްކަތްތަކެއް ކަމަށެވެ.
ފަލާހް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ދައުލަތާ ހަވާލުވިއިރު، ދައުލަތް އޮތް ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އިދިކޮޅު އެމްޑީޕީއަށެވެ.
”އެބޭފުޅުން ކޮށްފައި ދިޔައީ ކޮން ކަންތައްތަކެއްތޯ، އެ ވަގުތު މި ދައުލަތް އެ ބޭފުޅުންގެ ސަރުކާރުގެ އޮތީ ކޮން ހާލަތެއްގައިތޯ އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް، ޑޮލަރު ރޭޓްވެސް ހުރިއިރު އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށް، ޑޮލަރު ރޭޓަށް މިއަދު އައިސް މި އޮތް ބަދަލު އެނގިވަޑައިގަންނަވާނީ ހަމަ އެ ބޭފުޅުންނަށް،“ ފަލާހް ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުން ކުރި ވައްކަންތަކާއި، ފައިސާ ހުރި ތަންތަނާއި، ގެއްލުނު ތިޖޫރިތަކާއި، ތިޖޫރިތައް ލި ތަންތަންވެސް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް ކަމަށް ފަލާހް ވިދާޅުވިއެވެ.
”ބައެއް ފަހަރު މި ވިދާޅުވަނީ، މައްސަލަ ހުރިއްޔާ ކީއްވެހެއްޔޭ މައްސަލަތައް މި ނުބަލަނީ، މިފަދަ ކުޑަކުޑަ ގައުމެއްގައި ގާނޫނުތައް ހުރީ އެހާ ފުރިހަމައަކަށް ނޫން، އަބަދުވެސް އެމްޑީޕީއަކީ ވައްކަން ކުރަން މޮޅު ބައެއް، އެމްޑީޕީން ކޮށްފައި ހުރި ވައްކަމެއް ފަސޭހައެއް ނުވާނެ ހޯދާކަށެއް. އެވަރަށް ރައްކާތެރިކަމާ އެއްކޮށް ފުރަތަމަ ގާނޫނަށް ބަދަލު ގެނެސްގެން ވައްކަން ކުރެވޭނެ ނިޒާމް ބައްޓަންކޮށްގެން އެމްޑީޕީން ވެރިކަމަށް އައިސް ވައްކަން ކުރަނީ، އުނދަގޫ ކަމެއް އެއީ، އެކަމަކު އެކަން ހޯދޭނެ،“ ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، މިއަދު މި އޮތް އިގްތިސާދީ ހާލަތު މިހިސާބަށް ގެނެސްދިންކަމަށްޓަކައި މިއަދުގެ ސަރުކާރަށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަށްފަށުން ޝުކުރު އަދާ ކުރަން ޖެހޭނެ ކަމަށެވެ.



