2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިނިސްޓްރީން މިއަދު މިކަން އިއުލާނު ކުރައްވަމުން ވިދާޅުވެފައިވަނީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ އަންގަވާފައެވެ.
މިނިސްޓްރީގެ ވެބްސައިޓުން އޮންލައިން ފޯމު ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވާއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަސް ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މިނިސްޓްރީން ވަނީ ވީހާވެސް އަވަހަކަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް ވެސް ވަނީ ނިންމަވާފައެވެ.




