ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުލަގަދަ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު ދޭން އެމްއޭސީއެލްއިން ނިންމައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެމްއޭސީއެލުން ވަނީ މި ރަސްމިއްޔާތަށް ކުރީގެ ރައީސުންގެ އިތުރުން އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި، ބޯޑުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި، ޓޫރިޒަމް އިންޑަސްޓްރީ އަދި ވިޔަފާރިވެރިންނަށްވެސް ދައުވަތު އަރުވަން ނިންމާފައެވެ.
ކުރީގެ ރައީސުންގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިއްބެވީ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، ރައީސް ޔާމީން، ރައީސް މުހައްމަދު ވަހީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ އެ ޓާމިނަލް ހުޅުވުމެވެ.
މިއަދު ގެނެސްދިން ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑުގައި ރައީސް މުއިއްޒު ވިދާޅުވީ، އާ ޓާމިނަލްގެ ކްރެޑިޓް މި ސަރުކާރާއި، ކުރީގެ ރައީސް ޔާމީނާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ އާ ޓާމިނަލްގެ މަސައްކަތް ނިންމައި، އެ ތަން ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން މިހާރު ވަނީ ފަށައިފައެވެ.



