މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާއަށް އަދިވެސް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާގެ މޫނުގެ ކަށިތައް ފްރެކްޗަރވެ، ސިކުނޑިއަށް ލޭއެޅި، ވަރަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އޭނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ.
މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި މި އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އަނެއް ފަރާތުން ދުއްވި ލޮރީއެއްގައި ޖެހުމުން ހިނގި ހާދިސާއެކެވެ. ކަފިހި ހުރަސް މަތިން ދިޔައީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ. އޭނާ ދިޔައީ ވިއްސައިގެން ދުރަށެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި 16 އަހަރާއި 17 އަހަރުގެ ދެ ކުދިން ލޮރީ ދަށުވިއެވެ. އެ ދެ ކުދިންނާއި 40 އަހަރުގެ މީހާ އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް، 17 އަހަރުގެ ކުއްޖާ އެރޭ ވަނީ ނިޔާވެފައެވެ.
ނިޔާވި ކުއްޖާއަކީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު، ޔޫސުފް އަލްސަން މުޙައްމަދެވެ.
އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް މިހާރު ދަނީ އައިޖީއެމްއެޗްގެ ވޯޑުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.



