ޒަމްޒަމް ފެން ކަމަށް ބުނެ އިސްކުރު ފެން ވިއްކާ ކަމަށް ބެލެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ޔޫއޭއީގައި ހުންނަ ކުންފުންޏަކުން ޒަމްޒަމް ފެން ފުޅީގައި އިސްކުރު ފެން އަޅައި، ރާއްޖޭގައި 550 ރުފިޔާއަށް ވިއްކަމުންދާ ކަމަށް ތުހުމަތުކޮށް މީޑިއާގެ ބޭފުޅަކު އެ މައްސަލަވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.
މި މައްސަލައާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި، ޔޫއޭއީގައި ހުންނަ ކުންފުންޏަކުން ޒަމްޒަމް ފެން ފުޅީގައި އިސްކުރު ފެން އަޅައި، އޮޅުވާލައިގެން ވިއްކަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ޤައުމުގައި މިފަދަ މަކަރުވެރި ޢަމަލު ހިންގި ފަރާތްތަކެއް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ، މި މައްސަލައިގައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ޒަމްޒަމް ފެނަކީ ބަރަކާތްލެއްވިގެންވާ، އަދި ޝިފާ ލިބިގެންވާ ފެނެކެވެ. މި ސަބަބަށްޓަކައި، ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޒަމްޒަމް ފެން ބޭރުކުރުމުގައި ވަރަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައެވެ.
މިއީ މި ފެނުގެ ވިޔަފާރި ނުގަވާއިދުން ހިންގުން ހުއްޓުވުމަށާއި، އޮޅުވާލައިގެން ވިޔަފާރި ކުރުން ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅެކެވެ.



