ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔަން މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރިސޯޓް ރިޕްރެޒެންޓޭޓިވްސް އިން ބުނެފިއެވެ.
ސޮނެވާ އިން ރާއްޖޭގައި ހިންގާ ތިން ރިސޯޓުގެ އެއާޕޯޓް މެނޭޖަރު އަލީ ނަސީރު ވިދާޅުވި ގޮތުގައި، ފަތުރުވެރިން ރާއްޖެ އައުމަށްފަހު އެއާޕޯޓުން ނުކުތުމަށް މިހާރު ވަރަށް ގިނަ ވަގުތު ހޭދަވެއެވެ.
”އާ ޓާމިނަލް ބޮޑުވުމުންނާއި ވަސީލަތްތައް އިތުރުކޮށްފައިވާތީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިހާރު ހުރި ގޮންޖެހުންތައް ހައްލެއް ލިބިގެންދާނެ،“ ނަސީރު ވިދާޅުވިއެވެ.

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މެނޭޖަރު ލަރީސާ ވިދާޅުވި ގޮތުގައި، އާ ޓާމިނަލް އާއެކު ފަތުރުވެރިންނަށް ހާއްސަ ތަޖުރިބާތަކެއް ލިބިގެންދާނެއެވެ. އަދި މި ތަޖުރިބާ ފަތުރުވެރިންވެސް ބަލައިގަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖުމެއިރާ މޯލްޑިވްސްގެ އެއާޕޯޓްސް ސާވިސް މެނޭޖަރު ނޫހް އަބްދުލްހާރިސް ވިދާޅުވީ، އާ ޓާމިނަލް އާއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ޓާމިނަލްގެ ޖާގަ ވަރަށް ރަނގަޅަށް ބޭނުންކޮށްފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ޖުލައި 26 ގައި ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލްގެ އޮޕަރޭޝަނަލް ޓްރަޔަލްތައް މިހާރު ދަނީ ކުރިއަށެވެ.
މި ޓްރަޔަލްތަކުގައި އެއާލައިންތަކާއި، އެއާޕޯޓް ރިޕްރެޒެންޓޭޓިވުންނާއި އަދި ޓްރެވަލް އެޖެންޓުން ބައިވެރިވެފައިވެއެވެ.



