ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ސައިޓުގައި މިއަދު އެކަނިވެސް 20 މީހުން ޝަހީދުކޮށްލައިފިއެވެ.
މިހާތަނަށް މިފަދަ ސައިޓުތަކުގައި ޝަހީދުވި މީހުންގެ އަދަދު 870 އަށް އަރާފައިވެއެވެ. މިއަދުގެ ޝަހީދުވި މީހުންގެ ތެރެއިން 19 މީހުން ޝަހީދުވެފައިވަނީ އެއްވެތިބި މީހުންގެ ތެރޭގައި ތާށިވެ ޗިސްވެގެންނެވެ.
ޖީއެޗްއެފްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހަމާސް ޖަމާއަތާ ގުޅުންހުރި ބަޔަކު ގަސްދުގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުންނެވެ.
އަދި އެހީ ހޯދަން އެއްވެފައި ތިބި މީހުންގެ ތެރޭގައި ހަތިޔާރު ގެންގުޅެ، އެހީ ބަހާ މީހުންނަށް ބިރުދެއްކިކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް، ޖީއެޗްއެފްގެ މަސައްކަތްތަކާއި ބަޔާންތަކަށް ބައިނަލްއަޤްވާމީ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އދ. އިން މި ތަންތަނަކީ މަރުގެ ދަންތުރައެއް ކަމަށް ބުނެފައިވާއިރު، އުންރުވާ އަދި ރެޑް ކްރޮސް ފަދަ އިތުބާރުހުރި ޖަމާއަތްތަކަށް އެހީ ބެހުމުގެ ފުރުސަތު ނުދޭތީ އެފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.



