މުންބާއީގެ ޕާލީ ހިލް ސަރަހައްދުގައި ހުންނަ ސަންދޫ ޕެލަސް ކޯ-އޮޕް ހައުސިން ސޮސައިޓީއަށް ފޭރޭ މީހަކު ވަދެ، އިމާރާތުގެ ލިފްޓަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
މި އިމާރާތަކީ ބޮލީވުޑްގެ ތަރި ކްރިތި ސަނޮން، ޖާވިދު ޖަޢުފަރީ އަދި ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލްއާއި އޭނާގެ އަނބިކަނބަލުންގެ އިތުރުން، ސުނީލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ ދިރިއުޅޭ އިމާރާތެކެވެ.
ހޯމަ ދުވަހު ހިނގި މި ހާދިސާގައި، އެ މީހާ ވަނީ އިމާރާތުގެ ލިފްޓް ތެރެއަށް ބޮޑެތި ހިލަތައް ލައި ލިފްޓް ހަލާކުކޮށްލުމުގެ އިތުރުން، ސެކިއުރިޓީ ކެމެރާތަކަށް އަދަބު ގެއްލޭފަދަ އިޝާރާތްތަކެއް ދައްކާފައެވެ. މި ކަން ސީސީޓީވީ ފުޓޭޖުން ވަނީ ފެންނަން ހުއްޓެވެ.
ޕޮލިސްއިން މިހާރު ވަނީ އެ މީހާގެ ކާރު ނަންބަރު ދެނެގަނެ، އޭނާ ހޯދާފައެވެ. ނަމަވެސް އޭނާ މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްވެފައި އޮތުމާއެކު، އޭނާ ހޮސްޕިޓަލުން ނެރެންދެން އޭނާއާ ސުވާލެއް ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތަކަށް ބަލާއިރު، އިމާރާތުގެ ސެކިއުރިޓީ ސުޕަވައިޒަރު ޝިޔާމް ޕާންޑޭ ވަނީ އެ މީހާއަށް ގެސްޓް ޕާކިން އޭރިއާގައި ކާރު ޕާކުކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އޭނާ ބޭސްމަންޓް 1 ގައި ކާރު ޕާކުކޮށް، ފާހާނާއަށް ދާން ޖެހޭކަމަށް ބުނެ، އޭނާގެ ކާރު ތަޅުދަނޑި ސެކިއުރިޓީ ގާޑު ޖާވިދް ނަވާދުއާ ހަވާލުކުރުމަށްފަހު، އިމާރާތުގެ 14 ވަނަ އަދި 17 ވަނަ ފަންގިފިލާއަށް ދިއުމަށް މަސައްކަތްކޮށްފައިވެއެވެ.
ސެކިއުރިޓީ މުވައްޒަފުން ވަނީ ރެސިޑެންޓުންނާ ވެރިފައިކުރުމަށްފަހު އޭނާ ވަނުން މަނާކޮށް އިމާރާތުން ބޭރަށް ނެރެފައެވެ.
މުންބާއީގައި މިފަދަ ސެކިއުރިޓީ ހާދިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާއިރު، މި ހާދިސާއާ ގުޅިގެން ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.



