ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން މިރެއަށް ނެރުނު މޫސުމީ ލަފާގައި ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ގުގުރުމުގެ އިތުރުން ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓުން ބުނިގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ވިއްސާރައިގެ ވިލާގަނޑުގައި ވައިގެ ބާރުމިން 40 މޭލަށް އަރާފާނެކަމަށް މެޓުން ބުނެފައިވެއެވެ.
މެޓުން ބުނީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އަދި ވިއްސާރައިގެ ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
ދެކުނު އަތޮޅުތަކުގައި ކަނޑުގެ ރާޅުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުގެ ރާޅު ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.



