ރާއްޖެއިން ޗާގޯސް ހޯދަން ނޫޅޭ ކަމަށް، ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަ ސަފީރު ގީލާ އަލީ ވިދާޅުވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލަން ފަތުރާ ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
މި ޚަބަރު ފެތުރި މީޑިއާތައް ކުށްވެރިކުރައްވައި، ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ޔޫރަޕިއަން ޕާލިމެންޓުގައި ސަފީރު ހާމަކުރައްވާފައި ވަނީ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާ މެދުގައި ދެކޭގޮތެވެ.
އަދި ސަފީރު ފާހަގަކުރެއްވީ ފޯޅަވައްސަކީ އެމެރިކާގެ އަސްކަރީ ބޭސްއެއް މާ ކުރިންސުރެ ގާއިމްކޮށްފައި ހުރި ތަނެއްކަމާއި ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމެވެ.
”ހަގީގަތަކީ، ކަނޑައެޅިފައިވާ ނިޒާމުތަކާ ހިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއް ނެތި، ފޯޅަވަހީގެ ހައްގުތައް ދޫކޮށްލާފައި ވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގެ ސިއްރު ސިޓީއަކުންނެވެ. މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ,“ މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.
މި މައްސަލައިގައި މޮރިޝަސް އަށް ޗާގޯސް ލިބުމުން، ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ބައި އިޓްލޮސް އިން ދެ ބަހައި އިން ކަނޑައަޅެމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލެވުނު ކަމަށް ތުހުމަތުކުރެވޭއިރު، އެ ބައި އަނބުރާ ހޯދުމަކީ މިހާރުގެ ސަރުކާރުގެ ވައުދެއް ކަމަށް ވެސް ފާހަގަކުރެވެ އެވެ.
އެހެންނަމަވެސް، މިދިޔަ މެއި މަހު އިނގިރޭސިވިލާތުން އިއުލާންކުރި ގޮތުގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމެރިކާގެ ވެސް ރުހުން ލިބިފައިވެ އެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވެފައިވަނީ އެ ގައުމުން އިސްތިއުމާރުކުރި ޗާގޯސް އަނބުރާ މޮރިޝަސްއާ ހަވާލުކުރުމަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ މަސްލަހަތު ބޮޑު އަސްކަރީ ބޭސް، ޑިއޭގޯ ގާސިއާ (ފޯޅަވަހި)ގެ ކޮންޓްރޯލް ދެމެހެއްޓެން އޮތް ހަމައެކަނި ގޮތް ކަމަށެވެ.




