އިނގިރޭސި ވިލާތުގެ ސްޕީކާ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ލިންޑްޒޭ ހޮޔިލް އެމް.ޕީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވުނީ ލަންޑަންގެ ވެސްޓްމިންސްޓަ ޕެލަސްގައި ހުންނަ، ސްޕީކާގެ ރަސްމީ ގެކޮޅު ކަމުގައިވާ ސްޕީކާޒް ހައުސްގައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމާ މެދު މަޝްވަރާކުރެއްވިއެވެ. ޚާއްޞަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މި މުހިންމު ބައްދަލުކުރެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އޭގެފަހުން އެމަނިކުފާނު ވަނީ ތާރީޚީ ޕެލަސް އޮފް ވެސްޓްމިންސްޓަ ބައްލަވާލައްވާފައެވެ.
ރައީސް އޮފީހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމަކީ ދެޤައުމުގެ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ގުޅުން ޤާއިމުކުރުމަށް ދެޤައުމުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެކަން ކަށަވަރުކޮށްދޭ ބައްދަލުވުމެކެވެ.


