އުމްރާއަށް ގެންދަން ފައިސާ ނެގުމަށް ފަހު އަސްކޮއި ގުރޫޕުން އެތައް ބަޔަކަށް ލަނޑުދިން މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަައީދު ވިދާޅުވެއްޖެއެވެ.
މިޑިއާއަށް މިރޭ ފޮނުވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ، އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް މިރޭ އިރާކޮޅުގައި ވަނީ އައިސްފައި ކަމަށެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަން ދިމާވި މީހުން އެ ވާހަކަތައް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ، އުމްރާއަށް ދާން 25،500 ރުފިޔާ ދައްކާފައިވާ ކަމަށެވެ.
އަދި މި މަހު ފުރަން އޮތް ނަމަވެސް ހަބަރެއް ނުވާތީ އެ އޮފީހަށް މީގެ ތިން ދުވަސްކުރިން ގުޅުމުން ހާސް ނުވުމަށާއި ފުރަން އޮތް ދުވަަހަށް ފުރޭނެ ކަމަށް ބުނި ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އަދި އޭގެ ފަހުން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދޭ ކަމަށާއި، ފަހުން ފޯނުވެސް ނިއްވާލީ ކަމަށެވެ.



