ބަންގްލަދޭޝްގެ ދެކުނުގައި އޮތް ގޯޕާލްގޮންޖުގައި ނޭޝަނަލް ސިޓިޒެން ޕާޓީ (އެންޕީސީ)ން އިންތިޒާމު ކޮށްގެން ބޭއްވި ހިނގައިލުމެއް ހަމަނުޖެހުންގަނޑަކަށް ބަދަލުވެ، ހަތަރު މީހުން މަރުވެއްޖެއެވެ.
މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު، ނޮބެލް ސުލްޙައިގެ އިނާމު ލިބިވަޑައިގެންފައިވާ މުޙައްމަދު ޔޫނުސް ވިދާޅުވި ގޮތުގައި މުޒާހަރާގެ ބައިވެރިންގެ އިތުރުން ފުލުހުންނާއި ނޫސްވެރިންނަށް ވެސް ބަޔަކު ޙަމަލާ ދީފައިވެއެވެ. އަދި އެއްގަމު އުޅަނދުފަހަރާއި ޢާންމުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަނުޖެހުންތަކާ ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޔޫނުސް ވިދާޅުވީ، ހުސްވި އަހަރު ބޭއްވި މުޒާހަރާތަކަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ސުލްޙަވެރި ހިނގައިލުމަށް ހުރަސް އެޅުމަކީ ޒުވާނުންގެ ޙައްޤުތަކަށް އަރައިގަތުމަށް ހިންގާފައިވާ ފިނޑި، ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މި ހަމަލާތަކުގެ ފަހަތުގައި ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަވާމީ ލީގް ޕާޓީ އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފާއިތުވި އަހަރުގެ އޮގަސްޓު މަހު ބަންގްލަދޭޝްގެ ޒުވާނުން އިސްނަގައިގެން ބޭއްވި ބޮޑެތި މުޒާހަރާތަކާ ގުޅިގެން އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވުމަށްފަހު ޤައުމު ދޫކުރައްވަން ޖެހިވަޑައިގަތެވެ.
އޭގެ ފަހުން އައި ވަގުތީ ސަރުކާރުން ޒުވާނުންގެ މަޞްލަޙަތުތައް ރައްކާތެރިކޮށްދިނުމަށް ގިނަ ވަޢުދުތަކެއް ވެފައިވީ ނަމަވެސް، އެ ކަންކަން ތަންފީޒު ކުރުމުގައި ލަސްތަކެއް ހުރުމަކީ ޒުވާނުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ.
ގޯޕާލްގޮންޖުގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވެފައިވާ މީހުންގެ އަދަދާ މެދު ބަންގްލަދޭޝްގެ މީޑިޔާތަކުން ތަފާތު ރިޕޯޓުތައް ނެރެފައިވެއެވެ. ބައެއް މީޑިޔާތަކުން ބުނާ ގޮތުގައި މަރުވެފައިވަނީ ހަތަރު މީހުން ކަމަށްވާއިރު، އެހެން މީޑިޔާތަކުން ބުނަނީ މަރުވި މީހުންގެ އަދަދު ނުވައަށް އަރާފައިވާ ކަމަށެވެ.
ނަމަވެސް ބަންގްލަދޭޝްގެ ފުލުހުންނާއި ހަސްފަތާލުތަކުން މިހާތަނަށް މަރުވި އަދި ޒަޚަމުވި މީހުންގެ ރަސްމީ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.



