އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.
އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާން ދިރިއުޅުނު މާހިޔަގޭގައި ނިދާފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފުރަތަމަ ފެނުނީ އަންހެނުން ނާޒިމާ އަށެވެ.
މީޑިއާއާ ވާހަކަ ދައްކަމުން ނާޒިމާ ބުނީ، އަބްދުއްރަހުމާނަށް ހަމަލާދީފައި އޮތް ކަން އެނގުނީ، އެ ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު ފާހާނާ އަށް ދިއުމަށްޓަކައި އެ ކޮޓަރި އަށް ވައިން ވަގުތު ކަމަށެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، އެކި އޭންގަލްތަކަށް ފޯކަސް ކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މަރުހޫމުގެ އާއިލާއާ ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަ ދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާ އެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން ނިޔާވީ މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ހޮނިހިރު ދުވަހުގެ ރޭގެ ފަތިހު އެވެ.
އެ ރޭގެ ދަންވަރު ތިނެއް ޖެހިއިރުން ފެށިގެން ފުލުހުންގެ ޓީމުތައް ވަނީ މާޅޮހަށް އަރައި، އަބްދުއްރަހުމާން ދިރިއުޅުނު ގެ އާއި އެ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ގާތިލު ހޯދުމުގެ މަސައްކަތް ފަށައިފައެވެ.
ފުލުހުން ބުނި ގޮތުގައި، ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ އެވެ. މިހާތަނަށް މި މައްސަލައިގައި އެއްވެސް ހެއްކެއް ލިބުނު ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.




