އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ މަސްރޭސް ދެ ރަށެއްގައި ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫ އިން ބުނިގޮތުގައި، މިއަހަރުގެ މަސްރޭސް ބާއްވަނީ ކ. ހުރާ އަދި ށ. ފުނަދޫގައެވެ. ހުރާގައި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ފުނަދޫގައި މުބާރާތް އޮންނާނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. ކޮންމެ ސަރަހައްދެއްގައި ވެސް އެންމެ ގިނަވެގެން ވާދަކުރެވޭނީ 16 ޓީމަށެވެ. އަދި 16 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެއްޖެނަމަ، ބައިވެރިވާނެ ޓީމުތައް ހޮވުމަށް ޑްރޯއެއް ބާއްވާނެ ކަމަށް އުރީދޫއިން ބުނެފައިވެ އެވެ.
އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް އުރީދޫން ބުނެފައިއެވެ.
މި އަހަރުގެ މަސްރޭހުގައި ވެސް ފައިސާގެ ބޮޑެތި އިނާމުތަކެއް ހިމެނެ އެވެ. އެގޮތުން ކޮންމެ މަސްރޭހެއްގައި ވެސް ޖުމުލަ 80،000 ރުފިޔާގެ އިނާމު ބެހުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ ތެރޭގައި ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ، ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5،000 ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް ވަކި އިނާމުތަކެއް ކަނޑައަޅާފައިވެ އެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓް http://ore.do/masrace2025 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
އަދި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓް ދާއިރާގެ އިތުރުން އާންމު ފަރާތްތަކަށް ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އުރީދޫއިން ބުނެފައިވެ އެވެ.



