ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު ހަވީރު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދުއްވާ ލޭނުގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
އެކްސިޑެންޓްގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ބޮލަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައެވެ.
ވީޑިއޯއިން ފެންނަ މަންޒަރުތަކުގައި، އަނިޔާވި އަންހެން މީހާގެ ބޮލުގައި ފޮތިގަނޑެއް އަޅުވައިގެން މީހަކު ހިފަހައްޓައިގެން ހުންނަ މަންޒަރު ފެންނައިރު، މަގުމައްޗަށް ގިނަ އަދަދަކަށް ލޭ އެޅިފައިވާ މަންޒަރުވެސް ފެނެއެވެ. އަދި އެކްސިޑެންޓްވި ވަގުތުން ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި އަނިޔާވި އަންހެން މީހާ ވަނީ ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި އެކްސިޑެންޓްގައި ސައިކަލަށްވެސް ވަނީ އެކި ވަރުވަރުގެ ގެއްލުންތައް ލިބިފައެވެ.
މި ފަހަކަށް އައިސް މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން މި މަހުގެ އަދި 13 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.




