ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޔުނައިޓެޑް ކިންގްޑަމަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ލަންޑަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ-ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ-ޖެނެރަލް ވަނީ ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮމަންވެލްތުން ދެމިހުންނާނެކަން ކަށަވަރުކޮށްދެއްވާފައެވެ.
ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބައިނަލްއަޤްވާމީ މަންސަތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތުތައް ކުރިއެރުވުމުގައި ރާއްޖެއިން އަދާކުރަމުންދާ ޤިޔާދީ ދައުރުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމުގައި ކޮމަންވެލްތާއެކު އޮންނަ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އަދި ސެކްރެޓަރީ-ޖެނެރަލް ވަނީ ޑިމޮކްރަސީ އާއި ހެޔޮ ވެރިކަން، ވިޔަފާރި އާއި އިންވެސްޓްމަންޓް، އަދި މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން ފަދަ ދެފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ މެދު މަޝްވަރާކުރައްވާފައެވެ.
ރާއްޖެ އާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މި ބައްދަލުކުރެއްވުމަކީ މުހިންމު ފިޔަވަޅެކެވެ.



