މިދިޔަ މެއި މަހާއި ޖޫން މަހު ފެމިލީ ކޯޓަށް 271 ވަރީގެ މައްސަލައެއް ހުށަހަޅާފައިވާކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 271 ވަރީގެ މައްސަލަތަކުގެ ތެރެއިން 210 ވަރި އެ ކޯޓުން ވަނީ ކޮށްދީފައެވެ. އަދި މި ދެ މަހުގެ ތެރޭގައި ޖުމްލަ 339 މައްސަލައެއް ނިންމާފައިވެއެވެ.
މެއި މަހު ނިންމި 230 މައްސަލައިގެ ތެރޭގައި 180 ވަރީގެ މައްސަލައާއި، 10 ކުޑަކުދިންނާ ގުޅުންހުރި މައްސަލައާއި، 13 ޚަރަދުގެ މައްސަލައާއި، 18 އާއިލީ އެހެނިހެން މައްސަލައާއި އަދި 9 ގެވެށި އަނިޔާއާ ގުޅޭ މައްސަލަ ހިމެނެއެވެ.
ޖޫން މަހު ނިންމި 109 މައްސަލައިގެ ތެރޭގައި 86 ވަރީގެ މައްސަލައާއި، 5 ކުޑަކުދިންނާ ގުޅުންހުރި މައްސަލައާއި، 6 ޚަރަދުގެ މައްސަލައާއި، 4 އާއިލީ އެހެނިހެން މައްސަލައާއި އަދި 8 ގެވެށި އަނިޔާއާ ގުޅޭ މައްސަލަ ހިމެނެއެވެ.
ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހު 280 ކައިވެނި ކޮށްދީފައިވާއިރު 147 ވަރި ކޮށްދީފައިވެއެވެ. އަދި ޖޫން މަހު 180 ކައިވެނި ކޮށްދީފައިވާއިރު 63 ވަރި ކޮށްދީފައިވެއެވެ. މިއީ ކައިވެންޏާއި ވަރީގެ ނިސްބަތަށް އައި ބޮޑު ބަދަލެކެވެ.
ޚަރަދުގެ މައްސަލަތަކަށް ބަލާއިރު، މި ދެ މަހުގެ ތެރޭގައި ޖުމްލަ 18 މައްސަލައެއް ކޯޓަށް ހުށަހެޅިފައިވެއެވެ. މީގެ ތެރޭގައި ދަރިންގެ ޚަރަދު ނުދިނުމާއި، އަނބިމީހާއަށް ޚަރަދު ނުދިނުމާއި އަދި ސާބިތު ޚަރަދުގެ މައްސަލަތައް ހިމެނެއެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން ފެމިލީ ކޯޓުން ވަނީ އައު ފިޔަވަޅެއްގެ ގޮތުގައި ޚަރަދު ނުދޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރަން ފަށާފައެވެ.
ފެމިލީ ކޯޓަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކަކީ ވަރީގެ މައްސަލަތައް ކަމަށްވާއިރު، މެއި މަހު 151 މައްސަލައާއި ޖޫން މަހު 120 މައްސަލަ ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ.



