ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ’ބީއެމްއެލް ވާއު ކިޑްސް ރަން‘ މިއަހަރުގެ ސެޕްޓެންބަރު މަހު ބާއްވަން ބީއެމްއެލް އިން ނިންމައިފިއެވެ.
ބީއެމްއެލް އިން ބުނީ މިއަހަރުގެ ދުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.
މިއަހަރު ވެސް މި ދުވުމުގައި އެކި އުމުރުފުރާތަކަށް އެކި ދުރުމިނަށް ދުވުމުގެ ފުރުސަތު ދޭން ވަނީ ހަމަޖައްސާފައެވެ. މިގޮތުން ދެ އަހަރާއި ތިން އަހަރުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ އެއް ކިލޯ މީޓަރަށެވެ. އަދި ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ ދެ ކިލޯ މީޓަރަށެވެ.
ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ތިން ކިލޯމީޓަރުގެ ދުވުމެއް ވަނީ ހަމަޖެހިފައެވެ. މި އުމުރުފުރާގެ ކުދިންނަށް ބޭނުންވާ ނަމަ ބެލެނިވެރިއަކާ އެކުވެސް ދުވުމުގައި ބައިވެރިވެވޭނެއެވެ.
މި އިވެންޓުގެ އެންމެ ދިގު ދުވުމަކީ ދިހަ އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ކަނޑައަޅާފައިވާ ހަތަރު ކިލޯމީޓަރުގެ ދުވުމެވެ. މި އުމުރުފުރާގެ ދުވުން ކުރިއަށްދާނީ ވަގުތު ބަލައިގެންނެވެ.
މިއީ ”ބީއެމްއެލް ވާއު ކިޑްސް ރަން“ ބާއްވާ 10 ވަނަ އަހަރެވެ. މި ދުވުމަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާއެކު ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ.
މި ދުވުމުގައި ބައިވެރިވުމަށް މިހާރު ވަނީ ރަޖިސްޓްރޭޝަން ހުޅުވާލާފައެވެ.




