ދެކުނު ކޮރެއާއަށް ބޯކޮށް ވާރޭވެހި އުދައެރުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 14 މީހުން މަރުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން 12 މީހަކު އަދިވެސް ވަނީ ގެއްލިފައެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު އެބައޮތެވެ.
އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސަންޗެއޮން އަވަށަށެވެ. އެ އަވަށުގައި އެކަނި ހަ މީހަކު މަރުވެ، ހަތް މީހަކު ވަނީ ގެއްލިފައެވެ. މި ހާދިސާއާ ގުޅިގެން ކުއްލި ހާލަތުގައި ސަލާމަތީ މަސައްކަތްތައް އެ ގައުމުގައި ދަނީ ކުރިއަށެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފޫޓޭޖްތަކުން ދައްކާ ގޮތުގައި ރިސޯޓް ޓައުން ގަޕިއޮންގްގައި ބިންގަނޑު ވަނީ ކަނޑައިގެން ގޮސްފައެވެ. އަދި ބޯހިޔާވަހިކަން ހޯދުމަށް ޓަކައި ރައްޔިތުން ހަލާކުވެފައިވާ ބްރިޖެއް ހުރަސްކުރާ މަންޒަރުތައް ވެސް ފެންނަން ހުއްޓެވެ.
ބުދަ ދުވަހު ވިއްސާރަ ފެށި ފަހުން ގާތްގަނޑަކަށް 10،000 މީހުން ވަނީ ސަލާމަތަށް ޓަކައި އެ މީހުންގެ ގެ ދޫކޮށްލާފައެވެ. ލޯކަލް މީޑިއާތަކުން ބުނާ ގޮތުގައި 41،000 އަށް ވުރެ ގިނަ ގޭބިސީއިން ވަގުތީ ގޮތުން ކަރަންޓު ވަނީ ކެނޑިފައެވެ.
މި ހާދިސާއާ ގުޅިގެން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތައް ހާއްސަ ޑިޒާސްޓާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ގައުމުގެ ރައީސް ލީ ޖޭ މިޔުންގް ވަނީ ނިންމަވާފައެވެ.
މި ބޯ ވިއްސާރަ މިއަދު ހުއްޓޭނެ ކަމަށް ބެލެވުނު ނަމަވެސް، އޭގެ ފަހުން އެ ގައުމުގައި އިންތިހާ އަށް ހޫނު ގަދަވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.




