އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް މިއަދުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖައްސައިދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ކަން އިއުލާނު ކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އަދި އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް މި ތާރީޚުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ވަގުތު ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވެ ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.




