ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި، ޔޫސުފް ޝަފީއު (ޔޫއްޕެ) މިއަދު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ފުރައިފި އެވެ.
އޭނަ އުމްރާ އަށް ފުރީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓްގައި އުމްރާ އަށް މީހުން ގެންދަން ހައްޖު ކޯޕަރޭޝަނުން މިއަދު ފެށި ފުރަތަމަ ދަތުރުގަ އެވެ.
49 އަހަރުގެ ޔޫއްޕެ އަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް، ސްކްރީންރައިޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.
މި އަހަރަކީ ޔޫއްޕެ އަށް ވަރަށް އުފާވެރި އަހަރެކެވެ. އެގޮތުން މި އަހަރު އޭނާގެ ދެ ފިލްމެއް ވަނީ ރިލީޒް ކުރެވިފައެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ އެޕްރީލް މަހު ރިލީޒްކުރި ޑައިރެކްޓަރު މޫމިން ފުއާދުގެ ”އަބަދަށް” އެވެ.
އަދި މިހާރު އޮލިމްޕަހުގައި މިދިޔަ މަހުގެ 17 އިން ފެށިގެން ދައްކަމުން އަންނަނީ ފާތުމަތު ނަހުލާގެ ”ސޮރީ“ ފިލްމެވެ. މިއީ މި އަހަރު ރިލީޒްވި ޔޫއްޕެގެ ދެވަނަ ފިލްމެވެ.
ޔޫއްޕެ އަކީ ރާއްޖޭގެ ފިލްމީ ސިނާއަތުގައި މިހާތަނަށް އެތައް މަގުބޫލު ފިލްމެއްގައި ތަފާތު ދައުރުތައް އަދާކޮށްފައިވާ ފަންނާނެކެވެ. އޭނާގެ ހުނަރުވެރިކަމާއި ޤާބިލުކަން ވަނީ ގިނަ ބަޔަކު ބަލައިގަނެފައެވެ.





1 Comment
މަބްރޫރު ޢުމްރާ އަކަށް ވުން އެދެމެވެ އާމީން