ނ. މާޅެންދޫ ހުޅަނގުފަރާތު ޖެޓީގެ މަސައްކަތާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިޢުލާންކުރައްވައިފިއެވެ.
މިކަން އެމަނިކުފާނު އިޢުލާންކުރެއްވީ މިލަދުންމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވިގޮތުގައި މާޅެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހުޅަނގުފަރާތުން ލަފާފުރުމުގެ ދަތިކަމެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އަޅާ ޖެޓީގެ ޑިޒައިން މިހާރުވަނީ ފައިނަލްކުރެވި، އީ.އައި.އޭގެ ފަހު މަރުހަލާގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތް އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ރަށުގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށްވެސް ރައީސް އިޢުލާންކުރެއްވިއެވެ.
”ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނީ ރަށުގެ ގުދުރަތީ ރީތިކަން ހަލާކުނުވާނެ ގޮތަށް.” އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ނ. ތޮޅެންދޫ މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތައް ނައްތާލުމަށް އެޓަރނީ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރަމުންދާކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.
ރަށުގެ ތަރައްޤީއަށް ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކޮށް، ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމާއި މަގުހެދުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
އަދި މިއަދު ވަނީ މާޅެންދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް އަޅުއްވާފައެވެ.




