ސިޔާސީ ގޮތުން ޚިޔާލުތަފާތުވުން ދޫކޮށްލައި އަދުގެ ސަރުކާރުން ކުރިއަށްދާނީ ތަރައްޤީގެ ސިޔާސަތާއިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ނ. ކުޑަފަރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތަކީ ހުރިހާ ރަށަކަށްވެސް ހަމަހަމަކަމާއެކު ތަރައްޤީ ޔަޤީންކޮށްދިނުންކަން ފާހަގަކުރައްވައި، އެއީ ވަޢުދުތައް ފުއްދުމާއެކު ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދިނުންކަމަށް ވިދާޅުވިއެވެ.
ކުޑަފަރީގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރަށުގެ އެންމެ މުހިންމު މައްސަލައެއްކަމަށްވާ ގޮނޑުދޮށް ހިމާޔަތްކޮށް ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އެ މަސައްކަތް އަވަހަށް ފެށޭނެކަމަށްވެސް ވިދާޅުވިއެވެ.
”އެއްވެސް ރަށެއްގެ ކައުންސިލުން ޚިޔާލު ތަފާތުވެގެން ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމަކީ ނުވަތަ ލަސްތައް ނޫނީ ހުރަސްތައް ކުރިމަތިކުރުވުމަކީ އަޅުގަނޑުމެން ކަންބޮޑުވާކަމަކަށް ނުވާނެ.“ ރައީސް ވިދާޅުވިއެވެ.
ރަށުގެ އިތުރު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ޒަމާނީ ފެންވަރުގެ އައު އިންޖީނުގެއެއް އެޅުމަށް ނިންމާފައިވާކަމަށާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުމަށް ރޭވިފައިވާކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ ސިޔާސީ ޚިޔާލުތަފާތުވުންތައް ފަހަނައަޅައި، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަދި ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި، އެބޭފުޅުންގެ އަޑުއައްސަވައިގެން ކުރިއަށް ވަޑައިގަންނަވާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.



