ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އިންސާފު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދޫއަށް ވަޑައިގެން، ޒަކިއްޔާގެ އާއިލާއާއި އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޒަކިއްޔާގެ މަރުގެ މައްސަލާގައި އާއިލާގެ ފަރާތުން ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކޮށްފައިވެއެވެ.
ރައީސްއާއެކު ބޭއްވުނު ބައްދަލުވުމުގައި އާއިލާގެ މެމްބަރުން ޒަކިއްޔާ މަރާލާފައިވާކަމަށް ތުހުމަތުކޮށް، އެ މައްސަލާގައި އިންސާފު ހޯދައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. މިކަމާ ގުޅިގެން ރައީސް ވަނީ އެ މައްސަލަ ގާތުން ބައްލަވައި، ހާއްސަ އިސްކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަޤީންކަމާއެކު، ޒަކިއްޔާގެ އާއިލާއިން ވަނީ ރައީސް ދެއްވި ސަމާލުކަމާއި އުއްމީދީ ޖަވާބުތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ނިއުލައިފް ގޭގައި ދިރިއުޅުއްވި ޒަކިއްޔާ މޫސާ މަނިކު (50 އަހަރު) މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އޭނާ ދިރިއުޅުނު ގޭގެ ގުދަނަކުންނެވެ. ފުލުހުން ވިދާޅުވިގޮތުގައި އޭނާގެ ކަރުގައި ޒަޚަމްތަކެއް ހުރިއިރު، ހަށިގަނޑު ކައިރިން ވަޅިއެއްވެސް ފެނިފައިވެއެވެ.
މި މައްސަލާގައި މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި މި މަރުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އާއިލާއިން ފާހަގަކުރެއެވެ.



