ހއ. އިހަވަންދޫގައި ހަދަމުން އަންނަ މަގުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން) އާންމުކޮށްފިއެވެ.
އާރްޑީސީން ބުނީ، އިހަވަންދޫ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުން އަންނަނީ އެރަށުގެ ޖަވާހިރު މަގުގައި ކޯނަރ ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކަމަށެވެ.
އަދި އަމީނީމަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އާރްޑީސީން ބުންޏެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ.
އާރްޑީސީން ބުނީ، އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ޑިޒައިންކުރުމުގެ މަސައްކަތް ނިންމުމަށްފަހު ކަމަށެވެ.
އިހަވަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 15 މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ. އަދި މި މަގުތައް ހަދާނީ ޒަމާނީ ފެން ހިންދުމުގެ ނިޒާމާއިއެކު ކަމަށްވެސް އާރްޑީސީން މަޢުލޫމާތުދެއެވެ. އަދި މަގު ހަދާއިރު، މަގުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތަކާއި ކޭބަލްތައް ރަނގަޅުކޮށް ވަކި އިންތިޒާމެއްގެ ދަށުން ވަޅުލުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް އާރުޑީސީން ބުންޏެވެ.
މަގުހަދާ ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހާ މަގުބައްތިވެސް ހަރުކުރާނެ ކަމަށް އާރްޑީސީން ބުނެއެވެ.
އިހަވަންދޫ މަގު ހެދުމުގެ މަޝްރޫޢު އާރުޑީސީއަށް ޙަވާލުކޮށްފައިވަނީ 102 މިލިޔަން ރުފިޔާއަށެވެ.




