ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ، ލޯނު ސްކީމަށް މިއަހަރު ކުރިމަތިލައި ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ދަންނަވާފައިވާނެ ކަމަށެވެ.
ހަޔަރ އެޑިއުކޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މީގެ ތެރެއިން 806 ދަރިވަރުން ވަނީ ލޯނު ލިބުމުގެ ޝަރުތު ފުރިހަމަ ކޮށްފައެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި މިއަހަރު ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ނަތީޖާ މިހާރު ވަނީ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.
ނަތީޖާއާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތް ފަރާތްތަކަށް އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން ލޯނު ލިބޭ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޑިޕްލޮމާ، ބެޗްލާސް، މާސްޓާސް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



