ޕާކިސްތާނުގައި މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 223 އަށް އަރައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 12 މީހަކު ވަނީ މަރުވެފައެވެ.
އެންޑީއެމްއޭ އިން ބުނެފައިވާ ގޮތުގައި އެންމެ ފަހުން މަރުވި 12 މީހުންގެ ތެރޭގައި ދެ ފިރިހެނުންނާއި، ދެ އަންހެނުންނާއި، އަށް ކުޑަކުދިން ހިމެނެއެވެ.
އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 10 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މި ވިއްސާރަ މޫސުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ޕަންޖާބު ޕްރޮވިންސް އަށެވެ. އެ ޕްރޮވިންސުން 135 މީހުން މަރުވެ، 470 މީހުން ވަނީ ޒަހަމްވެފައެވެ. ޚައިބަރު ޕަޚްތޫންޚުވާގައި 56 މީހުން މަރުވެ، 71 މީހުން ޒަހަމްވެފައިވާއިރު، ސިންދުގައި 24 މީހުން މަރުވެ، 40 މީހުން ވަނީ ޒަހަމްވެފައެވެ.
އެންޑީއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 25 ގެއެއް ވެއްޓި، ފަސް ޖަނަވާރު މަރުވެފައިވެއެވެ. މި ވިއްސާރަ މޫސުން ފެށުނީއްސުރެ މިހާތަނަށް 804 ގެއަކަށް އަސަރުކޮށް، 200 ޖަނަވާރު ވަނީ ގެއްލިފައެވެ.
ޚައިބަރު ޕަޚްތޫންޚުވާގެ ބަބޫސަރުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.
އަދި ހާއްސަކޮށް ފެންބޮޑުވުމުގެ ފުރުސަތު އޮތް ސަރަހައްދުތަކާއި ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



